Maldives Immigration starts complying with standard ICAO Annex 9, chapter 3.10.1. ( Maldives will only accept standard Machine Readable Passports. )

.

ބިދޭސީން ގެއްލިގެން  ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއަށް ރިޕޯރޓް ކުރެއްވުމަށް ޢަމަލުކުރައްވަންވީ ގޮތާއި،  ގެއްލިގެން އަންގާ ބިދޭސީން ފެނުމުން އެމީހުން ނިސްބަތްވާ ޤައުމަށް ފުރުވާލުމުގައި ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޢަމަލުކުރުމަށް ހަމަޖެހިފައިވާގޮތް

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށާއި އަދި ސްޕޮންސަރޝިޕްގެ ދަށުން ރާއްޖޭއަށް ގެނެވޭ ބިދޭސީން ގެއްލިގެން  އެކަން ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއަށް ރިޕޯރޓް ކުރެއްވުމަށް ޢަމަލުކުރައްވަންވީ ގޮތާއި، ގެއްލިގެން ރިޕޯރޓްކުރައްވާ ބިދޭސީން ހޯދުމާއި އެމީހެއްގެ ޤައުމަށް ފުރުވާލުމުގައި ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޢަމަލުކުރަމުން ގެންދާ ގޮތް ތިރީގައި ދެންނެވިފައި އެވަނީއެވެ.

 

  1. 1.  ވަޒީފާ އަދާކުރުމަށް ނުވަތަ ސްޕޮންސަރޝިޕްގެ ދަށުން ރާއްޖޭއަށް ގެނެވޭ ބިދޭސީއަކު ގެއްލިއްޖެނަމަ އެމަޢުލޫމާތު ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއަށް ރިޕޯރޓްކުރެއްވުމަށް ފޯމެއް ފުރުއްވުމަށް ހަމަޖެހިފައިވެއެވެ. މިދެންނެވި ފޯމް މިޑިޕާރޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  1. 2.  ބިދޭސީއަކު ގެއްލިގެން އެކަން ރިޕޯރޓްކުރައްވާއިރު ތިރީގައި ދެންނެވިފައިވާ ތަކެތި ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާއި ޙަވާލުކުރައްވަންވާނެއެވެ.

 

ހ. ގެއްލިފައިވާ ބިދޭސީ މީހާގެ ޕާސްޕޯރޓް ލިބެން އޮތްނަމަ ޕާސްޕޯރޓްގެ އަސްލު

ށ. ގެއްލިފައިވާ ބިދޭސީމީހާ ގެއްލުނު ދުވަސް ހިމެނޭ މީލާދީ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އެނގޭނެ ލިޔުމެއް

ނ. ބިދޭސީ މީހާ ގެއްލިފައިވާކަމަށް ރިޕޯރޓްކުރެއްވި ދުވަހުގެ ކުރިއަށް ވޭތުވެދިޔަ 03 ވަނަ ދުވަހާއި ހަމައަށް ވިސާ ފީ ދައްކާފައިވާ ކަމުގެ ލިޔުން

ރ. ގެއްލިގެން އަންގާ ބިދޭސީ މީހާގެ ޕާސްޕޯރޓް ފޮޓޯއެއް

 

  1. 3.  ގެއްލިގެން ރިޕޯރޓްކުރައްވާ ބިދޭސީ މީހާއަކީ ޑިޕޮސިޓްގެ ގޮތުގައި ފައިސާ ބެހެއްޓުމަށްފަހު ރާއްޖެއަށް ގެނެވިފައިވާ ބިދޭސީއެއްނަމަ އެމީހަކު ހޯދުމާއި، އެމީހެއް ނިސްބަތްވާ ޤައުމަށް ފުރުވާލެވެންދެން ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި އަދި އެމީހެއް ނިސްބަތްވާ ޤައުމަށް ފުރުވާލުމުގެ ޚަރަދުގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ އެމްޕްލޯޔަރުގެ ފަރާތުން ބަހައްޓަވާފައިވާ  ޑިޕޮޒިޓް ފައިސާއެވެ.   ބިދޭސީ މީހާ ގެއްލިގެން ރިޕޯރޓްކުރެއްވުމަށް ހުށަހަޅުއްވާ ފޯމްގައި އެކަން ބަޔާން ކުރެވިފައިވާނެއެވެ. އަދި އެގޮތުގެމަތިން ޑިޕޮސިޓް ފައިސާ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަންގެ ފަރާތުުން ޑިޕޮސިޓް ފައިސާ ބޭނުން ކުރުމާއިމެދު ވަޒީފާދޭ ފަރާތުން އެކަމަށް އިޢުތިރާޒު ނުކުރާކަމަށް އިޤްރާރުވެ ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.

 

  1. 4.  ގެއްލިގެން ރިޕޯރޓްކުރައްވާ ބިދޭސީ މީހާއަކީ ޑިޕޮސިޓްގެ ގޮތުގައި ފައިސާ ބެހެއްޓިފައިނެތް މީހެއްނަމަ، އެމީހަކު  ހޯދުމާއި، އެމީހެއް ނިސްބަތްވާ ޤައުމަށް ފުރުވާލެވެންދެން ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ޚަރަދުގެ ގޮތުގައި ކަނޑައެޅޭ އަދަދެއްގެ ފައިސާގެ ޑިޕޮސިޓެއް ސްޕޮންސަަރ މިޑިޕާރޓްމެންޓްގައި ބަހައްޓަވަން ވާނެއެވެ. އެގޮތުން ބަހައްޓަން ހަމަޖެހިފަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުއްދަ ދެވޭ ބިދޭސީން ރާއްޖެއަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތުން ބަހައްޓަންޖެހޭ ޑިޕޮސިޓް ފައިސާއާއި އެއްވަރު އަދަދެއްގެ ފައިސާއެވެ.

 

  1. 5.  ގެއްލިގެން އަންގާފައިވާ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިއްޖެނަމަ އެފަދަ މީހުން ވަޒީފާގައި ގެންގުޅުމަށް ހުއްދަ ދެވިފައިވާ ފަރާތަށް އެކަން އެންގުމަށް މިޑިޕާރޓްމެންޓްގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާނީ އެމީހަކު ގެއްލުނުކަން އެންގުމަށް ފުރަންޖެހޭ ފޯމްގައި ލިޔުއްވާފައިވާ ފޯނު ނަންބަރު އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށެވެ. އަދި ބިދޭސީ މީހާ ފުރުވާލުމަށްފަހު އެކަން އެމްޕްލޯޔަރަށް އަންގަމުން ގެންދާނީވެސް މިދެންނެވި  ކޮންޓެކްޓް ނަންބަރާއި އީމޭލް މެދުވެރިކޮށެވެ.

 

  1. 6.  ގެއްލިގެން ހޯދާ ބިދޭސީއެއް މިޑިޕާރޓްމެންޓްގެ ބެލުމުގެ ދަށަށް ގެނެވުމަށްފަހު އެމްޕްލޯޔަރަށް އެކަމުގެ މަޢުލޫމާތު ދިނުމަށް 03 ( ތިނެއް) ދަވަހު މަސައްކަތް ކުރުމަށްފަހު އެމްޕްލޯޔަރާއި ގުޅޭގޮތް ނުވެއްޖެނަމަ، ބިދޭސީ މީހާ އޭނާގެ ޤައުމަށް އަނބުރާ ފޮނުވާލެވޭނެއެވެ.

Maldives Immigration | Republic of Maldives.
Tel: (960)333 0444, (960)333 0430 Fax: (960) 332 0011, Email: info@immigration.gov.mv
First Floor, Velaanage, Ameer Ahmed Magu, Malé