Opening Remarks at the Inauguration Ceremony of Dhidhdhoo Office

بســم اللّـه الرّحمـن الرّحيــم

 

ޙަމްދާއި ޝުކުރު ކުރަނީ اللهُ سُبْحَانَهُ وَتَعَالَى އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ޖަލްސާގެ ޝަރަފުވެރި މެހެމާން ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ޙުސެއިން، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް އަބްދުﷲ ވަޙީދު، ޑެޕިއުޓީ ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އަލްފާޟިލް އިބްރާޙިމް އަޝްރަފް، ދިއްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ހާޝިމް، އިމިގްރޭޝަންގެ އެންމެހާ ވެރިން، ވަޑައިގެން ތިއްބެވި އެންމެހާ އިއްޒަތްތެރީން އަދި އިމިގްރޭޝަނުގެ އެންމެހާ އޮފިސަރުންނާއި، އެބޭފުޅުންނަކަށްޓަކާ މިޖަލްސާ ޙާއްސަވެގެންދާ ހއ. އަތޮޅުގެ އެންމެހާ ރައްޔިތުންނާއި ދިއްދޫގެ ރައްޔިތުން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑަށް ކުރެވުނު އިޙުސާސެއްގެ ވާހަކަ ތިބޭފުޅުންނާއި ޙިއްސާ ކޮށްލާނަން. ދިއްދޫއަށް އާދެވުމާއިއެކު އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ އިމިގްރޭޝަން އޮފީސް ޤާއިމް ކުރުމަށްޓަކައި ތައްޔާރުކޮށްފައި ހުރި އިމާރާތް ބަލާލުމަށް. މިއިމާރާތް ހުރީ 2014 ވަނަ އަހަރުން ފެށިގެން ނިމިފަ. ނަމަވެސް މިއޮފީހުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެން ގޮސްފައި ނުވުމުގެ ސަބަބުން، މިކަމުގެ ޚަބަރު ބެލުމަށް މެދުކެނޑުމެއްނެތި ހއ. އަތޮޅު ކައުންސިލުން އިމިގްރޭޝަނަށް ސިޓީ ފޮނުވަމުން ގެންގޮސްފައިވޭ. މިކަމުން އަޅުގަނޑަށް ދޭހަވަނީ، ފާއިތުވެ ދިޔަ 5 އަހަރު ދިއްދޫ އާއި ހއ. އަތޮޅުގެ ރައްޔިތުން ތިއްބެވީ ފޮނި އުއްމީދުތަކާއިއެކު ކެއްތެރިވެ ވަޑައިގެންކަން. އަދި މެދުކެނޑުމެއްނެތި ހއ. އަތޮޅު ކައުންސިލުންނާއި ދިއްދޫ ކައުންސިލުން މިކުރެއްވި ބުރަ މަސައްކަތުން، ރައްޔިތުންނަށް މިކަން ފަހިކޮށްދިނުމަށް މިބޭފުޅުން ބޭނުންވެފައި ތިއްބެވި މިންވަރު ސާބިތުކޮށްދިން. އެގޮތުން މިއަދު ދިއްދޫގައި އިމިގްރޭޝަނުގެ ޚިދުމަތް ދޭންފެށުމާއިއެކު، އިމިގްރޭޝަނަށް މިލިބިގެންދަނީ ވަރަށް ބޮޑު ހިންހަމަޖެހުމަކާއި ކުރިއެރުމެއް. މީގެ އިތުރުން، ހއ. އަތޮޅުގެ ރައްޔިތުންނަށާއި ދިއްދޫގެ ރައްޔިތުންނަށް މިކަމުން ލިބިގެންމިދާ ހިންހަމަޖެހުމާއި އުފާވެރިކަން މިއަށްވުރެން ހާސްގުނަ އިތުރުވާނެ ކަމުގައި ޔަޤީން.

އާދެ، އިމިގްރޭޝަނުގެ ޚިދުމަތް ދިއްދޫއިން ލިބިގަތުމަށް ތިޔަ ބޭފުޅުން ދިގު އިންތިޒާރެއް ކުރަމުން ދަނިކޮށް 31 މާރިޗު 2019 ގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ޞާލިހު މިރަށަށް ކުރެއްވެވި ޒިޔާރަތުގައި، އިމިގްރޭޝަނުގެ ޚިދުމަތަށް ތިޔަބޭފުޅުން ބޭނުންވެފައި ތިއްބެވި މިންވަރު ބަޔާންކޮށްދެއްވެވި. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވީ ވީއެންމެއަވަސް މުއްދަތެއްގައި ރައްޔިތުންގެ މިއުއްމީދު ފުރިހަމަ ކޮށްދިނުމަށް. އާދެ، މީގެ 5 އަހަރު ކުރިން ތިޔަބޭފުޅުން ކުރަހާފައިވާ ތަސްވީރުގައި ކުލަ ޖެހިގެން މިދަނީ ތިޔަބޭފުޅުން ކުރެއްވި މިންނެތް މަސައްކަތުން. މިކަމަށްޓަކައި ހއ. އަތޮޅު ކައުންސިލަށާއި ދިއްދޫ ކައުންސިލަށާއި އަދި ޙާއްސަކޮށް ހއ. އަތޮޅު ކައުންސިލްގެ ރައީސަށް ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ ލާމަރުކަޒީ ކުރާ ވާހަކަ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މިސަރުކާރުގައި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ އަމަލީގޮތުން ތަންފީޒު ކުރަމުން. މީގެ ކުރިން ރައްޔިތުން ޖެހެނީ ކަންކަމަށް އެދި އާދޭސް ކުރާ އުސޫލުން ސަރުކާރުން ޚިދުމަތްތައް ހޯދުމަށް މަސައްކަތް ކުރަން. އޭގެ ބަދަލުގަ މިހާރު އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ ކައިރިޔަށް ގޮސް ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވާ، އެކަންކަން ކޮށްދިނުމުގެ މަސައްކަތް ކުރަމުން. އެގޮތުން މިއަދު ހަމައެކަނި ޕާސްޕޯޓުގެ ޚިދުމަތް ދިއްދޫގައި ފެށިގެން ދިޔަ ނަމަވެސް، މުސްތަޤްބަލުގައި އިމިގްރޭޝަނުގެ އިތުރު ޚިދުމަތްތައް މިއޮފީހުން ފޯރުކޮށްދޭނެ.

މިކަން ހަގީގަތަށް ހެދުމަށްޓަކައި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވެވި މަސައްކަތްވެސް މިފުރުސަތުގައި އަޅުގަނޑު ފާހަގަ ކޮށްލަން. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު، އެބޭފުޅާ އެތައްފަހަރެއްގެ މަތިން އަޅުގަނޑަށް ޒިޔާރަތްކޮށް މިކަމުގެ މަޢުލޫމާތު އޮޅުން ފިލުއްވެވި. އެހެންކަމުން މިކަން ހާސިލް ކުރުމަށް ތިޔަ ހުރިހާ ބޭފުޅުން ޓީމެއްގެ ގޮތުގައި ތިޔަ ކުރެއްވެވި މަސައްކަތް ފާހަގަ ކުރަން. ޤައުމެއް، ޤައުމެއްގެ ގޮތުގައި ކުރިޔަށްދާނީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރާ މަސައްކަތަކުން ނޫން. އެގޮތުން ހުރިހާ ފަރާތްތަކުން ގުޅިގެން ރައްޔިތުންނަށް މިޚިދުމަތް ފޯރުކޮށްދޭން ކުރެއްވެވި މަސައްކަތުން މިކަން ހާސިލްވެގެން މި ދިޔައީ.

އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ، ތިޔަ އެންމެ ބޭފުޅުންގެ ކިބައިން މިއަދު ފެނިގެން މިދާ ހިނިތުންވުން ދެމެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.