Official Statement on the Occasion of 69th Anniversary

بســم اللّـه الرّحمـن الرّحيــم

މޯލްޑިވްސް އިމިގްރޭޝަނުގެ ހަޔާތުގައި 69 އަހަރު ފުރި، 70 ވަނަ އަހަރަށް ކުރިމަތި މިލަނީ މިމުވައްސަސާގެ ހަޔާތުން ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. ހަމައެއާއި އެކު މިމުވައްސަސާއިން ދެމުން ގެންދާ ޚިދުމަތްތަކަކީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުން ބަލައިގަންނަފަދަ ގޮތަކަށް ދެވޭ ޚިދުމަތްތަކެއް ކަމުގައި ހެދުމަށް، މިފަޚުރުވެރި މުނާސަބާ ފާހަގަ ކުރާއިރު އަޅުގަނޑާއި އަޅުގަނޑުގެ ހީވާގި ޓީމުން މިދަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް، އަތޮޅު ތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ލިބިގެންދާނެ އިންތިޒާމު ހަމަޖެއްސުމުގެ މަޤުޞަދުގަ އާއި ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން، އީމެއިލްގެ ޒަރީއާއިން ދިވެހި ޕާސްޕޯޓަށް އެދުމުގެ ޚިދުމަތާއި، އައްޑޫ ސިޓީއިން ބިޒްނަސް ވިޒާ ދޫކުރުމުގެ ޚިދުމަތް ވާނީ މިއަހަރުގެ ތެރޭގައި އިފްތިތާހު ކޮށްފައެވެ. އަދި އީމެއިލްގެ ޒަރީއާއިން ދިވެހި ޕާސްޕޯޓަށް އެދޭ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އިންޓަރނެޓް މެދުވެރިކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެ ނިޒާމު ހަމަޖެއްސުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިޔަށްގޮސް، އެމަސައްކަތުގެ ފަހު މަރުހަލާ މިހާރު އަޅުގަނޑުމެންނާއި ކުރިމަތި ލާފައިވުމީ ހަމަ ޔަގީނުންވެސް ރައްޔިތުންނަށް ލިބޭނެ ނުހަނު ބޮޑު ހިތްހަމަ ޖެހުމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ކަމުގައި ހެދުމަށްޓަކައި، 48 ގަޑި އިރު ތެރޭގައި ބިޒްނަސް ވިޒާ ދޫކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެން ގޮސްފައިވެއެވެ. މިކަމުން ކަށަވަރު ކޮށްދެނީ އިމިގްރޭޝަނަކީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ މުވައްސަސާއެއް ކަމެވެ.   

ދިވެހިރާއްޖޭގެ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތައް ބޭނުންކުރާ ދަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރު ކޮށްދިނުމަކީވެސް މޯލްޑިވްސް އިމިގްރޭޝަންގެ މުހިންމު އަމާޒެކެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް މަޤުބޫލު ތަނަކަށް ވެފައި، ރާއްޖޭގެ ބޯޑަރު ބޭނުން ކޮށްގެން ކުރާ ކުޑަކުޑަ ނޭދެވޭ ޢަމަލަކުންވެސް މިސިނާއަތަށް ބުރޫއަރާ، ރާއްޖޭގެ އިސްތިޤްލާލަށް ނުރައްކާވެ ޤައުމުގެ އިޤުތިސާދަށް ހީނަރުކަން އައުން އެކަށީގެން ވެއެވެ. އެހެންކަމުން، ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން އިތުރުކުރުމުގެ ހުނަރާއި ޤާބިލްކަން ހޯދައިދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިޔަށް ގެންދިއުމުގައި އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ދެމިތިބޭނެ ކަމުގައި ދަންނަވަމެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އެންމެ އަގުހުރި ރައުސުލްމާލަކީ ވަރުބަލިކަމެއް ނެތި މިމުވައްސަސާގެ ތަސައްވުރާއި ހަމައަށް ވާސިލް ވުމަށްޓަކައި މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނެވެ. ނަމަވެސް ހިތާމައަކީ، ފާއިތުވެ ދިޔަ ތަނުގައި މިއަގުހުރި ރައުސުލްމާލަށް ސަމާލުކަން ނުދެވި، އެ ހީވާގި މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ބަލައިގަތުމުގައި އެންމެ އެކަށޭނަ މަސައްކަތްތަކެއް ކުރެވިފައި ނުވުމެވެ.

މޯލްޑިވްސް އިމިގްރޭޝަނަށް މިވަގުތު ކުރިމަތިވެފައިއޮތް ދެން އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ އަދަދު އިންތިހާއަށް އިތުރުވެ، ބިދޭސީން ގެނައުމަށްޓަކައި ކޯޓާ ދޫކޮށްފައިވާ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތުން މިމުވައްސަސާގެ ނަޒާހަތްތެރިކަމާއި މެދު އާންމު ރައްޔިތުން ސުވާލު އުފައްދާފައިވުމެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްޓަކައި ކޯޓާ ދޫކުރުމުގެ ނިޒާމުގައި ހުރި މައްސަލަތައް ޙައްލު ކުރުމުގެ މަޤުޞަދުގައި، މިމަސައްކަތް މިވަނީ 21 މާރިޗު 2019 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފައެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ މަރުހަލާގައި ޤަވާޢިދާއި ޚިލާފު ކަންތައްތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވިފައިވާއިރު، މިމައްސަލަތައް ތަހުޤީގުކޮށް ޕްރޮސެކިއުޓް ކުރުމަށްޓަކައި ފޮނުވުމަށް ވާނީ ނިންމާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ 'ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން' ކެމްޕެއިންގެ ދަށުން، ވަކި މީހަކަށް، ވަކި ކުންފުންޏަކަށް އަދި ވަކި ކުލަޔަކަށް ބެލުމެއްނެތި، މިމައްސަލަތަކުގެ ހަޤީގަތް ރައްޔިތުންނަށް ހާމަ ކުރާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.  

މިދަނޑިވަޅަކީ ފާއިތުވެ ދިޔަ ތަނުން ޢިބުރަތް ޙާޞިލްކޮށް، މިމުވައްސަސާގެ ފަސްބައި ސާފުކުރުމުގެ ބުރަ މަސައްކަތް ކުރުމާއި އަދި މޯލްޑިވްސް އިމިގްރޭޝަނަށް އުޖާލާ ދުވަސްތަކެއް ގެނައުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މުހިންމު ދަނޑިވަޅެކެވެ. އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ގެ ވާގިފުޅާއެކު، މުވައްޒަފުންގެ ކަންތައްތައް އިހުނަށްވުރެ ހަރުދަނާ ކުރުމުގެގޮތުން ކުރަމުންގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އެމުވައްޒަފުންނަކީ ޤާބިލް ބައެއް ކަމުގައި ހެދުމަށް ފަށާފައިވާ ޢަމަލީ މަސައްކަތުގެ ފޮނި މީރުކަން ލިބިގެން ދިއުމެވެ. އަދި ހަމަ އެއާއެކު މޯލްޑިވްސް އިމިގްރޭޝަނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުވައްސަސާއެއް ކަމުގައި ވެގެން ދިއުމެވެ.